މަރުވެފައިވާ މައްޔިތާއަށް ކޮށްދެވޭނެ ކަންތައްތަކަކީ ކޮބައިހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނިޔާވެފައިވާ މީހާއަށް ފާފަފުއްސެވުމަށް އެދި ދުޢާ ކުރެވޭތޯ، މި ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ: މަރުވެފައިވާ މައްޔިތާއަށް ކޮށްދެވޭނެ ކަންތައްތަކާއި، އެކަންތައްތައް ކުރުމުން މަރުވެފައިވާ މައްޔިތާއަށް އޭގެ ދަރުމަ އާއި ޘަވާބު ލިބޭނެ ކަންތައްތަކެއް ޙަދީޘްގައި ޛިކުރު ކުރެވިގެންވެއެވެ. އެހެނަސް އޭގެ ކުރިން ނުހަނު ފުރިހަމަ ޤަވާޢިދަކަށް ބަލާލަން ޖެހެއެވެ. އެއީ ﷲ ގެ ވަޙީބަސްފުޅުގައިވާ މި އާޔަތެވެ.
(وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ) މާނައީ: އަދި އިންސާނަކަށް އޭނާ ކުޅަ ޢަމަލެއްގެ ޖަޒާ މެނުވީ ނުވެއެވެ”. އެހެންވުމުން ބަޔާން ވެގެންދަނީ ކޮންމެ އިންސާނަކަށް ވެސް އޭނާ ދިރިހުރި ހިނދުގައި ކުޅަ ޢަމަލެއް މެނުވީ ނުވާކަމެވެ.
ދަންނަހުއްޓެވެ! ޝަރުޢީ ދަލީލަކުން މެނުވީ މައްޔިތާއަށް މިވެނި ކަމެއް ކޮށްދިނުމުން ޘަވާބާއި ދަރުމަ ލިބޭނެ ކަމުގައި ބުނެގެން ނުވާނެއެވެ. ޘާބިތު ކުރަންޖެހޭނީ ދަލީލުންނެވެ. ސުންނަތުގެ އަހުލުވެރިން ޤަބޫލުކުރަނީ ޞައްޙަ ދަލީލެއް ބަޔާންވެގެން މެނުވީ ޢަމަލެއް ކުރެވޭނެ ކަމަށް ނުބުނެވޭނެއެވެ. މިނުކުތާ ފަހުމް ވެއްޖެނަމަ، އެ ޙާޞިލުކުރެވުނީ ނުހަނު ބޮޑުވެގެންވާ ފައިދާއެވެ.
ދެވަނައީ: ނިޔާވެފައިވާ މީހަކަށްޓަކައި ކުރެވޭނެ، ޘާބިތުވެފައިވާ ޢަމަލުތަކަކީ ކޮބައިތޯއެވެ؟ النبي ﷺ ޙަދީޘް ކުރެއްވިއެވެ. (إذا مات الإنسان انقطع عمله إلا من ثلاثة إلا من صدقة جارية أو علم ينتفع به أو ولد صالح يدعو له) “އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އެންމެހައި ޢަމަލުތަކެއް މެދުކެނޑިގެން ދެއެވެ. ދެމިހުންނާނެ ގޮތުގައި ދޫކޮށްފައިވާ ޞަދަޤާތެކެވެ. ނުވަތަ ދޫކޮށްފައިވާ ފައިދާކުރާނެ ޢިލްމެވެ. ނުވަތަ ޞާލިޙް ދަރިއެއް އޭނާއަށްޓަކައި ދުޢާކޮށްދިނުމެވެ” (صحيح مسلم 1631).
އަދިވެސް މިފަދަ ޙަދީޘްތަކުގެ ތެރޭގައި رَسُول الله ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (سبعةٌ يجرِي للعبدِ أجرُهنَّ من بعدِ موتِه وهو في قبرِه من علَّم علمًا أو كرِي نهرًا أو حفر بئرًا أو غرس نخلًا أو بنَى مسجدًا أو ورَّث مصحفًا أو ترك ولدًا يستغفرُ له بعدَ موتِه) ”ހަތް ކަމެއްވެ އެވެ. އެކަންތައްތަކަކީ ޤަބުރުގައިވީ ކަމުގައިވީނަމަވެސް އޭގެ އަޖުރު މެދުނުކެނޑި ލިބިގެންދާ ކަންތައްތަކެވެ. ޢިލްމެއް އުނގަންނައިދީފައިވުމެވެ. ނުވަތަ ކޯރެއް ކަނޑައިފައިވުމެވެ. ނުވަތަ (ފެން) ވަޅެއް ކޮނެފައި ވުމެވެ. ނުވަތަ ކަދުރު ރުކެއް އިންދައިފައިވުމެވެ. ނުވަތަ މިސްކިތެއް ބިނާކޮށްފައިވުމެވެ. ނުވަތަ އެހެން މީހުންނަށް މަންފާކުރާނެ މުޞްޙަފެއް ދޫކޮށްފައި ދިޔުމެވެ. ނުވަތަ މަރުވުމަށްފަހު އޭނާއަށް ފާފަފުއްސެވުމަށް އެދި ދަންނަވާނެ (ދުޢާކޮށްދޭނެ) ދަރިއަކު ދޫކޮށްފައިވުމެވެ.“ حسن – صحيح الجامع 3602 މި ޙަދީޘްގައިވެސް ޛިކުރު ކުރެވިފައިވާ ޢަމަލު ތަކަކީ މައްޔިތާއަށް އޭގެ މަންފާ ލިބިގެންދާނެ ޢަމަލުތަކެވެ. ޙަދީޘްގައިވާ ގިނަ ކަންކަމަކީ މައްޔިތާއަށްޓަކައި ކުރެވޭ އެކިއެކި ބާވަތްތަކުގެ ޞަދަޤާތްތަކެވެ.
މިފަދަ އިތުރު ހަދީޘެއްގައި ވެއެވެ. عَبْدُاللّه بُنُ عَبَّاسٍ ވިދާޅުވިއެވެ. (سمع النبي ﷺ رجلاً يقول: لَبَيْكَ عَن شُبْرُمَة، فَقَالَ: حَجَجْتَ؟ فقال: لا، فقال: حج عن نفسك ثم حج عن شبرمة) “ނަބިއްޔާ ﷺ އަށް މީހަކު “لَبَّيْكَ عَنْ شُبْرُمَة” ކިޔާ އަޑު އިވިވަޑައި ގެންނެވިއެވެ. އެހިނދު حَدِيْث ކުރެއްވިއެވެ. “ތިބާގެ އަމިއްލަ ނަފްސަށް حَجُّ ކޮށްފިންހެއްޔެވެ؟” އެމީހަކު ދެންނެވިއެވެ. “ނޫނނެކެވެ.” حَدِيْث ކުރެއްވިއެވެ. “ތިބާގެ އަމިއްލަ ނަފްސަށް حَجُّ ކުރުން ހުއްޓެވެ.” އެއަށްފަހު شُبْرُمَة އަށް حَجُّ ކޮށްދޭށެވެ.” މި حَدِيْث الطبراني، المعجم الكبير (صفحة 226) ގައި ރިވާކުރެއްވިއެވެ. މާނައަކީ، ޝުބްރުމައަށް ޙައްޖު ކޮށްދިނުމަށް އިޙްރާމް ބަންނަމެވެ. އިސްވެ ޛިކުރު ކުރެވުނު ޙަދީޘްތަކުން، މަރުވެފައިވާ މައްޔިތުންނަށް ކޮށްދެވޭނެ ކަންތައްތައް ގޮތުގައި ބަޔާންވެގެން ކަންތައްތަކެއްވެއެެވެ. އެއީ:
1. ދުޢާކޮށްދިނުން،
2. މައްޔިތާގެ ނަމުގައި ޞަދަޤާތް ދިނުން،
3. މީސްތަކުންނަށް ފޯރު ކޮށްދެވިފައިވާ ފައިދާކުރާނެ ޢިލްމު،
4. ޙައްޖު އަދި ޢުމުރާ ކޮށްދިނުން. މިއެވެ.
ފަހެ، މި ޢަމަލުތަކަކީ ޘާބިތުވެފައިވާ ޢަމަލުތަކެވެ. ފަހެ، ޘާބިތުނުވާ ޢަމަލުތަކުން، އަހަރެމެންނަށް އެއީ ހެޔޮ ޢަމަލުކަމުގައި ފެނުނު ކަމުގައިވީނަމަވެސް އެފަދަ ކަންތައްތަކާ ދުރުވުން ހުއްޓެވެ. ޤުރުއާން ކިޔެވުމާއި، ރޯދަ ހިފައި ދިނުމާއި، ނަމާދު ކޮށްދިނުމާއި …. މިއީ ހުއްދަވެގެންވާ ކަންތައްތަކެއް ނޫނެވެ.
ތިންވަނައީ : ޘާބިތުވެފައިވާ އެންމެހައި ޢަމަލުތަކުގެ ތެރޭގައި އެ ޢަމަލަކަށް އެންމެ ބޮޑަށް ބާރު އެޅިފައިވާ އަދި އެ ޢަމަލަކުން އެންމެ ބޮޑު އަޖުރު ދެވިގެންވާ ޢަމަލަކީ ކޮބައިތޯއެވެ؟
އެއީ، ދުޢާ ކޮށްދިނުމެވެ. އެއީ ކީއްވެ ހެއްޔެވެ؟ ސަބަބަކީ ކޮބައިތޯއެވެ؟
ފަހުގެ މި ޒަމާނުގައި ދުނިޔެއަށް ފާޅުވި އެންމެ ބޮޑު އެއް ޢިލްމުވެރިޔާ العلامة ابن العُثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ. “އަހަރެން ބުނަމެވެ. އެއަށްފަހު ބުނަމެވެ. އަދި އެއަށްފަހު ބުނަމެވެ. އަދި ތަކުރާރުކޮށް ބުނަމެވެ. މައިންބަފައިންނަށް އަދި އަޅުކަންކޮށް އެ އަޅުކަމުގެ ޘަވާބު އެބައި މީހުންނަށް ހަދިޔާކުރުމަށްވުރެ، އެބައިމީހުންނަށް ދުޢާކޮށްދިނުން ހެޔޮކަން ބޮޑުވެގެންވެއެވެ. ޔަޢުނީ؛ މީހަކު ކައިރީ ސުވާލު ކުރީމެވެ. އަހަރެންގެ ބައްޕައަށް ހެޔޮކަން ބޮޑުވެގެންވަނީ ބައްޕައަށްޓަކައި ޞަދަޤާތް ކުރުން ހެއްޔެވެ؟ ނުވަތަ ދުޢާކޮށްދިނުން ހެއްްޔެވެ؟ އަހަރެމެން ޖަވާބުގައި ބުނަމެވެ.
ދުޢާ ކޮށްދޭށެވެ. އަދި ޞާލިޙް ޢަމަލުތައް އަމިއްލަ ނަފްސަށް ކުރާށެވެ. ސަބަބަކީ ތިބާގެ އަމިއްލަ ނަފްސަށް ޞާލިޙް ޢަމަލުތަކަށް ބޭނުންޖެހިފައިވާ ދުވަހެއް އަންނާނެއެވެ. އެބައިމީހުންނަށް ދުޢާ ކޮށްދިނުން ހެޔޮކަން ބޮޑުވެގެންވާކަން ބަޔާންވެގެންވާ ދަލީލަކީ الإِمام مُسلم، أَبُوهُرَيرة ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘެވެ.
النبي ﷺ ޙަދީޘް ކުރެއްވިއެވެ. (إذا مات الإنسان انقطع عمله إلا من ثلاثة إلا من صدقة جارية أو علم ينتفع به أو ولد صالح يدعو له) “އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އެންމެހައި ޢަމަލުތަކެއް މެދުކެނޑިގެން ދެއެވެ. ދެމިހުންނާނެ ގޮތުގައި ދޫކޮށްފައިވާ ޞަދަޤާތެކެވެ. ނުވަތަ ދޫކޮށްފައިވާ ފައިދާކުރާނެ ޢިލްމެވެ. ނުވަތަ ޞާލިޙް ދަރިއެއް އޭނާއަށްޓަކައި ދުޢާކޮށްދިނުމެވެ”.
ޞާލިޙް ދަރިއެއް އޭނާއަށް ޞަދަޤާތް ދިނުމޭ ހަދީޘް ނުކުރައްވައެވެ. އޭނާއަށް ނަމާދު ކޮށްދިނުމޭ ނުވަތަ ޢުމުރާ ކޮށްދިނުމޭ ނެތެވެ. ޙަދީޘްގައި ބަޔާންވެގެންވަނީ (ހެޔޮކަން ބޮޑުވެގެންވާ ޢަމަލުތައް ކަމުގައިވާހިނދު) ޙަދީޘްގައިވަނީ އޭނާއަށްޓަކައި ދުޢާކޮށްދިނުމެވެ. ފަހެ، ޢަމަލުކޮށްދިނުމަކީ އެކަމަށް ބާރުއެޅުވިގެންވާ ކަމެއް ކަމުގައިވާނަމަ، “ޞާލިޙް ދަރިއަކު އޭނާއަށްޓަކައި ޢަމަލުކޮށްދިނުން” މިފަދައިން ޙަދީޘް ކުރެއްވީހެވެ.
ޔަޢުނީ؛ ޢަމަލުތައް ކުރުމާ މެދުގައެވެ. ފަހެ، އެހެންވުމުން އަހަރެން ބުނަމެވެ. އެމީހެއްގެ މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް ބޭނުންވާ ފަރާތަށް ހަމަކަށަވަރުން އެންމެ ހެޔޮކަން ބޮޑުވެގެންވަނީ އެ މައިންބަފައިންނަށް އޭނާގެ ނަމާދުގެ ސަޖިދައިގައި، ނަމާދުގެ އައްތަހިޔާތުގައި ދުޢާ ކޮށްދިނުމެވެ. ބަންގިއާއި ޤަމަތާއި ދެމެދު ދުޢާ ކޮށްދިނުމެވެ. އަދި ދުޢާ އިޖާބަކުރެވޭ ވަޤުތުތަކުގައި ދުޢާ ކޮށްދިނުމެވެ”.
އަޚުންނާއި އުޚްތުންނޭވެ! މައްސަލަ ވަރަށް ސާފުކޮށް، ޝައްކެތްނުވާ މިންވަރަށް ބަޔާން ކުރެވިގެން ހިނގައްޖެއެވެ. އެންމެހައި ޢަމަލުތަކަށް ވުރެ، މައްޔިތާއަށް ކޮށްދެވޭނެ އެންމެ ހެޔޮ ޢަމަލަކީ ދުޢާ ކޮށްދިނުމެވެ. ދުޢާއެވެ! ދުޢާ ކުރުމުގެ ހެޔޮ ވަޤުތުތައް ހޯދައި، މައްޔިތާއަށް ދުޢާ ކޮށްދިނުމެވެ. ބަންގިޔާއި ޤަމަތާއި ދެމެދު، ނަމާދުގެ ސަޖިދައިގައި، ފަހު އައްތަހިޔާތުގައި، ވާރޭ ވެހޭ ވަޤުތުގައި، ރޭގަނޑު ދަމު ވަޤުތުގައި ….. މި ވަޤުތުތަކުގައި ދުޢާ ކުރުމަށް ސަމާލުކަން ދިނުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.